
ނިރުބަވެރި ޢުދުވާނުތަކާ ދެކޮޅަށް އީރާނުގެ މައި އަޑަކަށް ޢަލީ ލަރިޖާނީ
ފާއިތުވި އަހަރުތަކުގައި ހުޅަނގާ ކުރި ނިއުކްލިޔަރ މަޝްވަރާތަކުގައި މަޑުމައިތިރި ސިފައެއްގައި ފެނިވަޑައިގެންނެވި ލަރިޖާނީ، މިހާރު ވަނީ ވަރަށް ތަފާތު ސިޔާސީ ޝަޚްސިއްޔަތަކަށް ބަދަލުވެވަޑައިގެންފައެވެ. ފެބްރުއަރީ 28 ގައި ޔަހޫދީ ދައުލަތާއި އެމެރިކާ ގުޅިގެން ދިން ޙަމަލާތަކުގައި، ރޫހީ ވެރިޔާ ޚާމަނާއީ އާއި ލަޝްކަރުގެ ކޮމާންޑަރ ބަކްބޫރް ޝަހީދުކޮށްލުމާ ގުޅިގެން، ލަރިޖާނީ ވަނީ ދެ ޤައުމަށް ވަރުގަދަ އިންޒާރު ދެއްވައި، ހަނދާނުން ނުފިލާ ފިލާވަޅެއް ނަގައިދޭނެ ކަމަށް ވިދާޅުވެފައެވެ.
ލަރިޖާނީ ނިސްބަތްވެވަޑައިގަންނަވަނީ ނަޖަފުގައި 1958 ގައި ލިބިވަޑައިގެންނެވި، ދީނީ ޢިލްމުވެރިއެއްގެ ދަރިކަލެއްގެ ގޮތުގައެވެ. ޝަރީީފް ޔުނިވަރސިޓީ އާއި ތެހެރާން ޔުނިވަރސިޓީން ހިސާބު، ކޮމްޕިއުޓަރ ސައިންސް، ފަލްސަފާ، އަދި ޕީއެޗްޑީ ހާސިލްކުރެއްވި ލަރިޖާނީ ވަނީ ސަޤާފަތާ ބެހޭ ވަޒީރުކަމާއި، ތިން ދައުރު ވިދިވިދިގެން ޤާނޫނުހަދާ މަޖިލީހުގެ ރިޔާސަތާއި، ނިއުކްލިޔަރ ވާހަކަދެއްކެވުމުގެ ވެރިކަން ވެސް ފުރުއްވާފައެވެ. ދެ ފަހަރެއްގެ މަތިން ރިޔާސީ ކެންޑިޑެސީ ބަލައިނުގަތް ނަމަވެސް، 2025 ގައި ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ކަމަށް ޢައްޔަންވެ، ނުފޫޒުގަދަ ސިޔާސީ ދައުރަކަށް ވަނީ ނިކުމެވަޑައިގެންފައެވެ.
ޙަމަލާތައް ފެށުމުގެ ކުރިން، ލަރިޖާނީ ވަނީ އޮމާން މެދުވެރިވެ ކުރި ނުސީދާ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެން، ޔަހޫދީ ދައުލަތުން ހަނގުރާމައަށް ހިތްވަރު ދޭ ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ޙަމަލާތަކަށްފަހު، ދެން ދެ ޤައުމު ދެމެދު ވާހަކަ ދެކެވޭ ފުރުޞަތެއް ނެތްކަން ސާފު ބަހުން ވަނީ ހާމަ ކުރައްވާފައެވެ.



