އިނގިރޭސި ބޭސްތައް ބޭނުން ކުރުމުގެ ހުއްދައަށްފަހު: އީރާނުން ސައިޕްރަސްގެ ބޭސް ހައިޕަސޮނިކް މިސައިލަކުން ފުނޑާލައިފި
ދުނިޔެ

އިނގިރޭސި ބޭސްތައް ބޭނުން ކުރުމުގެ ހުއްދައަށްފަހު: އީރާނުން ސައިޕްރަސްގެ ބޭސް ހައިޕަސޮނިކް މިސައިލަކުން ފުނޑާލައިފި

ރރާޅު މީޑިއާ
March 3, 2026

އީރާނުން ސައިޕްރަސްގެ އިނގިރޭސި ބޭހަށް ހައިޕަސޮނިކް މިސައިލުން ހަމަލާދީފި

ސައިޕްރަސްގައި ހުންނަ އިނގިރޭސި އަސްކަރީ ބޭހަކަށް އީރާނުން ހައިޕަސޮނިކް މިސައިލަކުން ހަމަލާދީ ފުނޑާލާފައިވާ ކަމުގެ ޚަބަރުތައް ވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ. މި ހަމަލާ ދީފައިވަނީ އިރާނަށް ހަމަލާ ދިނުމަށް އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ ދިނުމާ ގުޅިގެންނެވެ. މި ހާދިސާއަކީ މެދުއިރުމަތީގެ ހާލަތު ވަރަށް ނުރައްކާތެރި މަރުހަލާއަކަށް ގެންގޮސްދީފައިވާ ހަމަލާއެއް ކަމަށް ބައިނަލްއަޤްވާމީ މާހިރުން ދެކެއެވެ.

ރިޕޯޓުތައް ބުނާގޮތުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ސައިޕްރަސްގެ ދެކުނުގައިވާ އިނގިރޭސި އަސްކަރީ ބޭސް (Akrotiri) އަށް އީރާނުން ވަނީ ހައިޕަސޮނިކް މިސައިލަކުން ހަމަލާދީފައެވެ. ސައިޕްރަސްގައި ހުންނަ Akrotiri ބޭހަކީ އިނގިރޭސިވިލާތާއި އެމެރިކާއިން މެދުއިރުމަތީގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ވަރަށް މުހިއްމު ބޭހެކެވެ. ދަތުރުކުރާ މިސައިލެއް ދެނެގަތުމަށް ވުރެ ދިހަ ގުނަ ބާރު މިނުގައި ދަތުރުކުރާ ހައިޕަސޮނިކް މިސައިލަށް ދިފާޢުވުމަކީ ދަތިކަމެކެވެ. ހަމަލާގެ ސަބަބުން ބޭހަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ބޭހުގެ ގިނަ ވަސީލަތްތަކެއް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ހަމަލާގެ ސަބަބުން ބޭސް މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިހާތަނަށް މަރުވި މީހުންގެ އަދަދެއް އަދި ޒަޚަމްވި މީހުންގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މި ހަމަލާ ދިނުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ، އިނގިރޭސިވިލާތުން އެ ޤައުމުގެ އަސްކަރީ ބޭސްތައް އިރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމެވެ. އިނގިރޭސި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމާއެކު އީރާނުން ވަނީ ހަރުކަށި އިންޒާރުތަކެއް ދީފައެވެ. އީރާނުގެ ބޭރުގެ ކަންކަމާ ބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، އިރާނުގެ ސަރަޙައްދީ ސަލާމަތަށް ނުރައްކާވާ ކޮންމެ ހާލަތެއްގައިވެސް ކަނޑައެޅިގެން ރައްދު ދޭނެ ކަމަށެވެ. މީގެ އިތުރުން މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ކަންކަން އިތުރަށް ގޯސްވެދާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.

ސައިޕްރަސްގައި ހުންނަ އިނގިރޭސި ބޭހަށް ދިން ހަމަލާއަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ވަރަށް ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ ގައުމުތަކުން ވަނީ ހަމަލާ ކުށްވެރިކޮށް، ހަމަލާތަކުން ދުރުހެލިވުމަށް ގޮވާލާފައެވެ. މި ހަމަލާގެ ސަބަބުން ތެޔޮ އަދި ގޭހުގެ ބާޒާރަށް ބޮޑު އަސަރެއް ފޯރައި، ދުނިޔޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. ހައިޕަސޮނިކް މިސައިލެއް ބޭނުންކޮށްގެން އަސްކަރީ ބޭހަކަށް ހަމަލާދިނުމަކީ، އަސްކަރީ މުއާމަލާތްތަކުގައި ހައްދުފަހަނަޅާފައިވާ ކަމެއްގެ ގޮތުގައި ގިނަ ގައުމުތަކުން ސިފަކުރެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް އަދި ސިޔާސީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ބައިނަލްއަޤްވާމީ އެކި ޖަމާޢަތްތަކުން ބުނެއެވެ.

މި ހަމަލާއަށްފަހު، އީރާނުގެ ރަސްމީ ނޫސްތަކުން ވަނީ 'ދެން އޮތީ ޑިއޭގޯ ގާސިޔާ' މިފަދަ ބަސްތައް ބޭނުންކޮށްފައެވެ. ޑިއޭގޯ ގާސިޔާއަކީ އިންޑިޔާ ކަނޑުގައިވާ، އިނގިރޭސިވިލާތުގެ ދަށުން އެމެރިކާއިން ބޭނުންކުރާ ވަރަށް މުހިއްމު އަސްކަރީ ބޭހެކެވެ. މިއީ މެދުއިރުމަތި، އެފްރިކާ އަދި އޭޝިއާގެ ސަރަޙައްދުތަކުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް މުހިއްމު ލޮޖިސްޓިކްސް ހަބެކެވެ. ޑިއޭގޯ ގާސިޔާ އަށް އީރާނުން ހަމަލާ ދީފިނަމަ، އެމެރިކާއާއި އިރާނާ ދެމެދު ސީދާ އަސްކަރީ ހަނގުރާމަ އިތުރަށް ބޮޑުވެގެންދާނެއެވެ. މިފަދަ ހަމަލާއަކަށްފަހު، ޑިއޭގޯ ގާސިޔާގެ ސަލާމަތީ އިންތިޒާމުތައް ވަރުގަދަކުރަމުންދާ ކަމަށް ޚަބަރު ލިބިފައިވެއެވެ. އަދި އީރާނުގެ މި ބަސްތަކަށް ބައިނަލްއަޤްވާމީ ބާރުތަކުން ސަމާލުވެ، ހަމަލާތަކުން ދުރުހެލިވުމަށް މަސައްކަތްކުރަމުން އެބަދެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު