
އާސަންދައިގެ ދަށުން އެމްބިއުލާންސް ބޭނުންކުރެވޭ ހާލަތްތައް އިތުރުކޮށްފި
އާސަންދައިގެ ދަށުން އެމްބިއުލާންސް ބޭނުންކުރެވޭނެ ހާލަތްތައް އިތުރުކޮށް މިއަދު ހިދުމަތްދޭން ފަށައިފިއެވެ.
މިއަދުން ފެށިގެން އެ ބަދަލު އަންނާނެކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައިއެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ ބަދަލުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.
އާސަންދައިގެ އުސޫލަށް ގެނައި އިސްލާހުގެ ދަށުން އެމްބިއުލާންސް ބޭނުންކުރެވޭނެ ހާލަތްތައް ވަނީ އިތުރުކޮށްފައެވެ. އެގޮތުން އަށް ހާލަތެއް ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އިމަޖަންސީގައި ކުއްލި ހާލަތުގައި ހޮސްޕިޓަލަށް މީހުން ގެންދިއުމާއި، މައްޔިތުން އުފުލުމާއި، އެނދުމަތިކޮށްފައިވާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި އަދި، ވީލްޗެއާގައި ގެންގުޅޭ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ހޮސްޕިޓިލަަށް ގެންދިއުމާއި، އެކިކަހަލަ ޑިސްއެބިލިޓީ ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ފިޒިކަލް ޑިސްއެބިލިޓީ އާއި މެންޓަލް ޑިސްއެބިލިޓީ އަދި އޯޓިޒަމް ޑައުންސިންޑްރޯމް ފަދަ މީހުންނަށް ވެސް އައުޓްޕޭޝަންޓް ހިދުމަތަށް ހޮސްޕިޓަަލަށް ގެންދިއުމާއި، ސިއްހީ މަރުކަޒުގައި ފަރުވާ ހޯދާ މީހުން އެހެން މަރުކަޒަކަށް ފަރުވާއަށް ގެންދަންޖެހޭ ހާލަތުގައިއާއި އިވެކުއޭޓް ކުރެވޭ ހާލަތުގައި އަދި، ބަލި މީހާ ރާއްޖެއިން ބޭރަށް ރިފާކުރެވޭ ހާލަތުގައި އެއާޕޯޓަށް ނޫނީ ޖެޓީއަށް ގެންދިއުމުގެ އިތުރުން، ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތަށް ގެންދެވޭ ހާލަތުގައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އާސަންދައިން އެމްބިއުލާންސްގެ ހިދުމަތް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް އާންމުންގެ ފަރާތުން ލިބޭ ކަމަށެވެ. އަދި އެފަދަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދެމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެ ބަދަލާ އެކު ވަރަށް ގިނަ ލުއިތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ނިންމެވުން ނިންމެވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރައްވައި އެކަމާ ގުޅޭ ބަޖެޓާއި އޮޕަރޭޝަނަލް ކަންކަމާއި ޓެކްނިކަލް މަޝްވަރާތަކަށް ފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


