އެބޯލާގެ އާ ވައްތަރަށް ވެކްސިނެއް އުފެއްދުމަށް 9 މަސް ނަގާނެކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި
ދުނިޔެ

އެބޯލާގެ އާ ވައްތަރަށް ވެކްސިނެއް އުފެއްދުމަށް 9 މަސް ނަގާނެކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި

ނނާޒިމް
May 21, 2026

އެބޯލާ ވައިރަހުގެ އާ ވައްތަރެއް ކަމަށްވާ "ބުންޑިބުގްޔޯ ސްޕީސީ" ފެތުރެން ފަށާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައި ވަނީ މި ބައްޔަށް ވެކްސިނެއް އުފެއްދުމަށް މަދުވެގެން ނުވަ މަސް ދުވަސް ނަގާނެ ކަމަށެވެ. މިހާރުވެސް ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހި، ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ މި ބަލި ފެތުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން ހާމަކުރެއެވެ.

ޑަބްލިއުއެޗްއޯގެ އެޑްވައިޒަރު ޑރ. ވަސީ މޫރްތީ ވިދާޅުވީ، އެބޯލާގެ އާ ވައްތަރު "ބުންޑިބުގްޔޯ ސްޕީސީ"އާ ދެކޮޅަށް ދެ ވެކްސިނެއް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ދެ ވެކްސިން އަދިވެސް ކްލިނިކަލް ޓްރަޔަލްތަކާއި ހަމައަށް ގޮސްފައި ނުވާ ކަމަށާއި، މި ވެކްސިންތައް އުފައްދާ ނިމުމަށް މަދުވެގެން ނުވަ މަސް ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ، އެބޯލާ ކަމަށް ޝައްކު ކުރެވޭ 600 އަށް ވުރެ ގިނަ ވޭދަނައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި ބަލީގައި 139 މީހަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް ވައިރަސް ދެނެގަތުމަށް ނަގާ މުއްދަތަށް ބަލާއިރު، މި އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު ހެލްތު އޯގަނައިޒޭޝަންގެ އިމަޖެންސީ ކޮމިޓީން ނިންމީ މިއީ "ޕެންޑެމިކް އިމަޖެންސީއެއް ނޫން" ކަމަށެވެ. "ޑަބްލިއުއެޗްއޯ އިން ލަފާކުރާ ގޮތުގައި މި ބަލި ފެތުރުމުގެ ނުރައްކާ ގައުމީ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ވަރަށް ބޮޑު. އެކަމަކު ބައިނަލްއަގުވާމީ ފެންވަރުގައި ދަށް،" އޭނާ ވިދާޅުވިއެވެ. ޑީއާރް ކޮންގޯ އިން ފައްސިވި 51 ވޭދަނަތައް ފެނިފައި ވަނީ އިރުމަތީ އިޓޫރީ ޕްރޮވިންސާއި ނޯތު ކިވޫ ޕްރޮވިންސްއިންނެވެ. ޔޫގެންޑާގެ ވެރިރަށް ކަމްޕާލާއިން ފައްސިވި ދެ މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. "އަޅުގަނޑުމެންނަށް އެނގޭ ޑީއާރުސީގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑުކަން،" ޑަބްލިއުއެޗްއޯގެ ވެރިޔާ ފާހަގަކުރެއްވިއެވެ.

ސިއްހީ ހިދުމަތްތެރިން ބުނާ ގޮތުގައި އެ ސަރަހައްދުގައި މި ބަލި ފެތުރިގެން ބައެއް ތަންތަންވެސް ވަނީ ފުރިފައެވެ. ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްތައް ލިބެމުންދިޔަ ނަމަވެސް، ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރަމުން ދަނީ އެކަށީގެންވާ ރައްކާތެރިކަމެއް ނެތިކަމަށްވެސް ބުނެފައި ވެއެވެ. މެޑެސިންސް ސެންސް ފްރޮންޓިއާސް (އެމްއެސްއެފް) ގެ އިމަޖެންސީ ޕްރޮގްރާމް މެނޭޖަރު ޓްރިޝް ނިއުޕޯޓް ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތްދޭ ތަންތަނުން އެ މީހުންނަށް ބުނަނީ "އަހަރެމެން މި ތިބީ ޝައްކު ކުރެވޭ ވޭދަނަތަކުން ފުރިފައި. އަހަރެމެންނަށް ޖާގައެއް ނެތް." ކަމަށެވެ. "މިއީ މިހާރު މި ބަލި ފެތުރެމުންދާ މިންވަރު ދައްކުވައިދޭ ކަމެއް،" އޭއެފްޕީ ނިއުސް އޭޖެންސީ އަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައި ވެއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ 20 މިލިއަން ޕައުންޑުގެ އެހީއެއް ދޭން ނިންމައިފައެވެ. މި ފައިސާ ހަރަދު ކުރާނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށާއި، އިންފެކްޝަން ކޮންޓްރޯލް ކުރުމަށާއި ބަލިތައް ކޮންޓްރޯލް ކުރުމަށެވެ. ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވިދާޅުވީ ވައިރަސް ފެތުރެން ފެށީ ކިހާ ދުވަހެއް ވަންދެން ކަން ދެނެގަތުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ ޖަމިއްޔާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ވައިރަސް ފެތުރުން ހުއްޓުވުމަށް ކަމަށެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ނަރުހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން ހެދި ޓެސްޓުތަކުންނެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އިތޫރީ ޕްރޮވިންސްގެ ވެރިރަށް ބުނިއާގައި އޭނާ ވަނީ މަރުވެފައެވެ. އޭނާގެ ހަށިގަނޑު މޮންގްވާލޫ އަށް ފޮނުވާލިއިރު، އެ ސަރަހައްދުންވެސް ބައްޔަށް ފައްސިވާ މީހުން ދަނީ ފެންނަމުންނެވެ.

ބުނިއާގައި ދިރިއުޅޭ ލެކްޗަރާއެއް ކަމަށްވާ އަރަލީ ބަގަމްބާ ވިދާޅުވި ގޮތުގައި މިއީ ކިހާ ނުރައްކާތެރި ކަމެއްކަން ރައްޔިތުންނަށް އެނގެއެވެ. ބީބީސީ ވޯލްޑް ސާވިސް ނިއުސްޑޭ ޕްރޮގްރާމްގައި އޭނާ ވިދާޅުވެފައިވާ ފާއިތުވި ތިން ދުވަހު އޭނާ އެއްވެސް މީހަކާއި ސަލާމެއްވެސް ނުކުރެއެވެ. "އަޅުގަނޑުމެންގެ ތެރޭގައި އާންމުކޮށް ކުރާ ކަމެއް މީހަކާއި ބައްްދަލުވުމާއެކު ސަލާމް ކުރުން އެކަމަކު މި އާދަ މިހާރު ވަނީ ބަދަލުވެފައި،" އޭނާ ވިދާޅުވިއެވެ. މި ބަލީގެ ނުރައްކާތެރިކަމުގެ ސަބަބުން، އިޖުތިމާޢީ އާދަތަކަށްވެސް ބަދަލުތައް އަންނަމުންދާކަން މީނާއިން ހާމަވެއެވެ.

އެބޯލާގެ އާ ވައްތަރު ފެތުރެމުންދާތީ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި ޔޫގެންޑާގެ ހާލަތު ވަރަށް ނާޒުކެވެ. ވެކްސިނެއް އުފެއްދުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ޑަބްލިއުއެޗްއޯއިން ލަފާކުރާއިރު، ބަލި ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމާއި، ބަލި ފެތުރޭ ސަރަހައްދުތަކުގައި ތިބި މީހުންގެ ރައްކާތެރިކަމަށް އިސްކަންދިނުމަކީ މި ދަނޑިވަޅުގައި އެންމެ މުހިންމު ކަމެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު