ހޮރްމޫޒު ކަނޑުއޮޅި މުޅީން ބަންދު: އީރާނުން ދެ އުޅަނދަކަށް ހަމަލާދީފި
ދުނިޔެ

ހޮރްމޫޒު ކަނޑުއޮޅި މުޅީން ބަންދު: އީރާނުން ދެ އުޅަނދަކަށް ހަމަލާދީފި

ނނާޒިމް
June 11, 2026

އީރާނު އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑުން މިއަދު ހެނދުނު އިއުލާނުކޮށްފައިވާ ގޮތުގައި، ހޮރްމޫޒު ކަނޑުއޮޅި އެއްވެސް އުޅަނދަކަށް ހުރަސް ނުކުރެވޭ ގޮތަށް މުޅީން ބަންދުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާ ސިފައިން އީރާނަށް ރޭގައި ދިން ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. ހޮރްމޫޒަކީ ދުނިޔޭގައި ކަނޑުމަގުން ކުރެވޭ ތެލާއި ގޭހާއި އެނޫން ވިޔަފާރިތަކުގެ އެންމެ މުހިންމު ދެމަގުގެ ތެރެއިން އެއް މަގެެވެ. މި ހަމަލާތަކާއި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

އީރާނުގެ މަރުކަޒީ ކޮމާންޑުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެމެރިކާއިން ތަކުރާރުކޮށް ޚިލާފްވަމުން ދާތީއާއި، ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. އީރާނުން ވަނީ ހޮރްމޫޒު ހުރަސްކުރަން މަސައްކަތްކުރާ އެއްވެސް އުޅަނދަކަށް ހަމަލާ ދޭނެކަމަށް އިންޒާރު ދީފައެވެ. އަދި މިފަދަ މަސައްކަތްތަކަކީ ދުޝްމަނުންނާ އެއްބައިވެގެން ކުރާ ކަމެއްގެ ގޮތުގައި ދެކޭނެ ކަމަށާއި، އީރާނާ އެކުވެރި ގައުމެއްގެ އުޅަނދެއް ނަމަވެސް މިވަގުތު ހޮރްމޫޒު ހުރަސް ނުކުރެވޭނެކަންވެސް އަންގާފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، އީރާނުގެ މި އިންޒާރާ ޚިލާފުވެ ހޮރްމޫޒު ހުރަސްކުރަން އުޅުނު ދެ އުޅަނދަކަށް އީރާނު ކަނޑުގެ ސިފައިން ވަނީ ހަމަލާދީފައެވެ. މި ހަމަލާތައް ދިނީ އެމެރިކާއިން އީރާނަށް ރޭގައި ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ބަހްރެއިނަށާއި، އުރުދުން އަދި ކުވައިތަށް ދިން ހަމަލާތަކުގެ ތެރޭގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ހަމަލާދިނީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދުތަކަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ ހޮރްމޫޒުގައި އެއްވެސް އުޅަނދަކަށް ހަމަލާދީފައިނުވާ ކަމަށް ބުނެ، އީރާނުގެ ދައުވާތައް ދޮގުކޮށްފައެވެ. ސެންޓްކޮމްއިން ބުނި ގޮތުގައި އުޅަނދުފަހަރު އާދައިގެ މަތިން ހުރަހެއްނެތި ދަތުރުކުރަމުންދެއެވެ. ނަމަވެސް، އެމެރިކާގެ މަނަވަރުތަކަށްވެސް އީރާނުން ހަމަލާދީފައިވާ ކަމަށް ޚަބަރުތައް ފެތުރެމުން އެބަދެއެވެ.

އެމެރިކާގެ އުދުވާނީ ސިޔާސަތުތަކުގެ ސަބަބުން މި ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެ، ހޮރްމޫޒު ކަނޑުއޮޅި ބަންދުވެފައިވާއިރު، މީގެ އިތުރުން ދުނިޔޭގެ ވިޔަފާރީގެ މުހިންމު އަނެއް މަގު ކަމަށްވާ ބާބުލް މަންދަބުވެސް ބަންދުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ދެމަގު ބަންދުވުމުގެ ސަބަބުން ދުނިޔޭގައި ކުރެވޭ ތެލާއި ގޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ ހުއްޓި، އަދި ދުނިޔޭގައި ކަނޑުމަގުން ކުރެވޭ ވިޔަފާރީގެ 12 އިންސައްތަ މިހާރުވަނީ ހުއްޓިފައެވެ. މިކަމުގެ ސީދާ ނޭދެވޭ އަސަރުތައް މިހާރުވެސް ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދުތަކަށް ކުރަމުންދާ ކަމަށް އިގްތިސާދީ މާހިރުން ބުނެއެވެ. ތެލާއި ގޭހުގެ އަގުތައް ބޮޑުވެ، ބައިނަލްއަގްވާމީ ވިޔަފާރީގެ ލަސްވުންތަކާ އެކު، އާއްމު ދިރިއުޅުމުގެ ޚަރަދުތައްވެސް އިތުރުވާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

ހޮރްމޫޒު ކަނޑުއޮޅިއާ ގުޅިގެން އީރާނާއި އެމެރިކާގެ މެދުގައި ހިނގަމުންދާ މި ބޮޑުވެފައިވާ ހަމަނުޖެހުންތަކަކީ ދުނިޔޭގެ ސަލާމަތީ މަސްރަހަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. މިއީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވެ، ބައިނަލްއަގްވާމީ ގުޅުންތަކަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެވިދާނެ ކަމަށް ބެލެވޭ ކަމެކެވެ. ދުނިޔޭގެ ކަނޑުމަގުގެ ވިޔަފާރީގެ މުހިންމު މަގުތައް ބަންދުވެ، އިގްތިސާދީ ހީނަރުކަމެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ. މިފަދަ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަކީ ދުނިޔޭގެ ސުލްހަ މަސްލަހަތަށްޓަކައި މުހިއްމު ކަމެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު