ޔުކްރެއިންއަށް ރަޝިއާގެ އެންމެ ބާރުގަދަ ހަމަލާތަކެއް: ކިއޭވްއަށް ބޮޑެތި ގެއްލުންތައް
ދުނިޔެ

ޔުކްރެއިންއަށް ރަޝިއާގެ އެންމެ ބާރުގަދަ ހަމަލާތަކެއް: ކިއޭވްއަށް ބޮޑެތި ގެއްލުންތައް

ނނާޒިމް
May 26, 2026

ކިޔޭވް (25 މެއި 2026) : ރަޝިޔާއިން ޔުކްރެއިންގެ ވެރިރަށް ކިޔޭވްއަށް މިހާތަނަށް ދިން އެންމެ ބޮޑެތި އަދި އެންމެ ވަރުގަދަ ހަމަލާތައް ދީފިއެވެ. މި ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މިސައިލާއި 600 ވަރަކަށް ޑްރޯން އެއްފަހަރާ ބޭނުންކޮށްފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން ކިޔޭވްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ހަފްތާގައި ޔުކްރެއިނުން ރަޝިއާގެ ކިޔަވާކުދިން ދިރިއުޅޭ ބޯޑިންގް އަކަށް ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން މި ހަމަލާތައް ދިން ކަމަށް ރަޝިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގައި ހަމަލާތަކުގެ އައު މަރުހަލާއެއް ފެށިފައިވާ ކަމުގެ ނިޝާނެއް ކަމަށް ބައެއް ސިޔާސީ މާހިރުން ދެކެއެވެ.

ރަޝިއާ ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ގާތްގަނޑަކަށް ހަތަރު އަހަރުވެފައިވާއިރު، ކިއޭވަށް އަމާޒުކޮށްގެން އެއްވަގުތަކު ރަޝިޔާއިން މިހާ ވަރުގަދަ ހަމަލާތަކެއް މިހާތަނަށް ދީފައިނުވާކަމަށް ޔޫކްރޭނުން ބުނެއެވެ. މި ހަމަލާތަކުގެ ބާރުގަދަކަމުން ސިފައިންނާއި އާންމުންގެ މެދުގައިވެސް ކަންބޮޑުވުން އުފެދިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާ ބުނިގޮތުގައި މި ހަމަލާތައް އަމާޒުކުރީ ޔުކްރެއިންގެ މުހިންމު އަސްކަރީ އަދި އުމްރާނީ އޮނިގަނޑުތަކަށެވެ. އެގޮތުން، މުވާސަލާތާބެހޭ މަރުކަޒުތަކާއި ހަކަތައިގެ މަރުކަޒުތަކާއި ޔުކްރެއިން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަކީ މި ހަމަލާތަކުގެ މައިގަނޑު އަމާޒުތަކެވެ. މީގެއިތުރުން، ސިފައިންގެ ޚާއްސަ މަރުކަޒުތަކާއި އަސްކަރީ ތަކެތި ރައްކާކުރާ ތަންތަނަށްވެސް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި ހަމަލާތައް ހައެއްކަ ގަޑީއިރަށް ދިގު ދެމިގެންދިޔަ ކަމަށް ޚަބަރު ލިބެއެވެ. ޔުކްރެއިނުން ބުނާ ގޮތުގައި، ރަޝިއާ ދިން މި ހަމަލާތަކުގައި ރަޝިއާގައި އުފައްދާ ހައިޕާ ސޮނިކް މިސައިލެއްކަމަށްވާ އޮރެޝްނިކް (Oreshnik) މަރުކާގެ މިސައިލެއްވެސް ބޭނުންކޮށްފައިވެއެވެ. މިފަދަ ހައިޕާ ސޮނިކް މިސައިލެއް ބޭނުންކޮށްފައިވުމަކީ ހަނގުރާމައިގެ ހޫނުކަން އިތުރުވެފައިވާކަމުގެ ސިފައެކެވެ.

ޔުކްރެއިނުން ރަޝިއާގެ ދައުވާތައް ދޮގުކޮށް ބުނީ މި ހަމަލާތައް ހަމައެކަނި އަސްކަރީ އަދި ހަކަތައިގެ މަރުކަޒުތަކަކަށް އެކަންޏެއް ނޫން ކަމަށެވެ. އާންމު ރައްޔިތުން ދިރިއުޅޭ އިމާރާތްތަކަށާއި ސްކޫލްތަކަށްވެސް މި ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ޔުކްރެއިންގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި ފެންޕްލާންޓްތަކާއި ފެނުގެ މަރުކަޒުތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން އެ ގައުމުން ފާހަގަކޮށްފައިވެއެވެ.

މި ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ އެޕާޓްމަންޓް އިމާރާތްތަކަށާ އަދި ސްކޫލް އިމާރާތްތަކަށްވެސް ބޮޑެތި ގެލުންތައް ލިބިފައިވާކަމަށް ޔުކްރެއިން ބުނެފައިވެއެވެ. އެހެންނަމަވެސް، ޔުކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން، މި ހަމަލާތަކުގައި މަރުވީ އެންމެ ހަތަރު މީހުންނެވެ. އަދި ޒަޚަމްވީ 80 ވަރަކަށް މީހުންނެވެ. ޔުކްރެއިނުން ދަނީ މިހާރު ލިބުނު ގެއްލުންތައް ބަދަލުކޮށް، އަލުން އާރާސްތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހަމަލާތަކަކީ ޔުކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިއާއިން ދިން އެންމެ ވަރުގަދަ ހަމަލާތަކެއް ކަމަށް ވާތީ، މިއީ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުންތައް އުފައްދާފާނެ ކަމެއް ކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކެއެވެ. މި ހަމަލާތަކަށްފަހު ދެގައުމުގެ ދެމެދުގައި ކުރިއަށް އޮތްތަނުގައި ހާލަތު ބަދަލުވާނެ ގޮތަކާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު