މަރުވި އިޓަލީގެ ފީނުންތެރިންގެ ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި
ދުނިޔެ

މަރުވި އިޓަލީގެ ފީނުންތެރިންގެ ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި

ނނާޒިމް
May 24, 2026

މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ހޮހަޅައަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ފީނުންތެރިންގެ މައްސަލައިގެ ތަހުގީގު ފުޅާކުރުމުގެ ގޮތުން، އެމީހުންގެ އިލެކްޓްރޯނިކް ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެކަށީގެންވާ ވަސީލަތްތަކާ ނުލައި ހޮހަޅައިގެ ފުން ސަރަހައްދަކަށް ވަދެ، ނުކުންނަ މަގު އޮޅިގެން ތާށިވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. މި މައްސަލައިގައި އިހުމާލެއް އޮތްތޯ ބެލުމަށް އިޓަލީގެ ޕްރޮސެކިއުޓަރުން ދަނީ ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގަމުންނެވެ.

ހާދިސާގެ ތަފްސީލު

މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގެ "ދެވަނަ ކަނޑު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަހައްދުގެ ހޮހަޅައަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ފީނުންތެރިންގެ އިލެކްޓްރޯނިކް ސާމާނާއި އަމިއްލަ ބައެއް ތަކެތި އިޓަލީގެ ތަހުގީގީ އިދާރާތަކުން މިހާރު ހިފަހައްޓާފައިވާއިރު، މި މައްސަލައިގެ ތަހުގީގަށް ވަނީ އިތުރު ކުރިއެރުންތަކެއް ލިބިފައެވެ. މަރުވި މީހުންނަކީ

މޮނިކާ މޮންޓެފަލްކޯން (ޔުނިވަރސިޓީ އޮފް ޖެނޯއާގެ އިކޮލޮޖީ ޕްރޮފެސަރެއް)،

އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް،

ރިސާޗަރު މުރިއަލް އޮޑެނީނޯ،

ރިސާޗް އެސިސްޓަންޓް ފެޑެރިކޯ ގުއަލްޓިއޭރީ

އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ.

މި މީހުން ހޯދުމަށް ކުރި ފުރަތަމަ މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ރެސްކިއު ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައިވެއެވެ. ހާދިސާ ހިނގި ދުވަހު ބެނެޑެޓީގެ ހަށިގަނޑު ފެނިފައިވާއިރު، އަނެއް ހަތަރު މީހުންގެ ހަށިތައް ފެނުނީ މޭ 18 ވަނަ ދުވަހު، "ޑޭން ޔޫރަޕް" އިން ފޮނުވި ފިންލޭންޑުގެ ކޭވް ސްޕެޝަލިސްޓުން ކަމަށްވާ ސާމީ ޕާކަރިނެން، ޕެޓްރިކް ގްރޮންކްވިސްޓް އަދި ޖެނީ ވެސްޓަލަންޑްގެ އެހީގައެވެ.

ތަހުގީގާއި ހިފެހެއްޓި ސާމާނު

ރޯމްގެ ޕްރޮސެކިއުޓަރުން ފަށާފައިވާ "ކަލްޕަބަލް ހޯމިސައިޑް" ނުވަތަ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައިގެ ތަހުގީގު ފުޅާކުރުމުގެ ގޮތުން، މަރުވި މީހުންގެ މޮބައިލް ފޯނުތަކާއި، ކޮމްޕިއުޓަރުތަކާއި، ޓެބްލެޓްތަކުގެ އިތުރުން ޔޫއެސްބީ ޑްރައިވްތަކާއި ހާޑް ޑްރައިވްތައް ޖެނޯއާ ފްލައިން ސްކޮޑުން ވަނީ އެ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިޓަލީގެ "ކޮރިއޭ ޑެލާ ސެރާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަކެތި އަނބުރާ އިޓަލީއަށް ގެންގޮސްފައިވަނީ މި ހާދިސާގައި މަރުވި ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯންއާއެކު ދަތުރުކުރި ޔުނިވަރސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރު ސްޓެފަނޯ ވަނީންއެވެ.

މީގެއިތުރުން، މަރުވި މީހުންގެ ހަށިގަނޑާ އެކު ފެނުނު ގޯޕްރޯ ކެމެރާތަކާއި، ޑައިވް ކޮމްޕިއުޓަރުތަކާއި އެހެނިހެން ސާމާނުތައް ބެލުމުގެ ހުއްދައަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ. މި ތަކެތި މިހާރު ހުރީ މާލޭގައި ތަހުގީގީ އިދާރާތަކުގެ ބެލުމުގެ ދަށުގައެވެ. މި އާލާތްތަކުގެ އެހީގައި، އެމީހުން ފީނި ފުންމިނާއި، ހޭދަވި ވަގުތާއި، ބޭނުންކުރި ގޭހުގެ މިންވަރުގެ އިތުރުން، ހާދިސާ ހިނގި ވަގުތުގެ ވީޑިއޯ ފުޓޭޖް ލިބުމުގެ ފުރުސަތު އެބައޮތެވެ. މީގެ ސަބަބުން އެމީހުން ހޮހަޅައަށް ވަނީ އަމިއްލައަށްތޯ ނުވަތަ ބާރުގަދަ އޮއިވަރެއްގައި ޖެހިގެންތޯ ކުރެވޭ ބަހުސްތަކަށް ނިމުމެއް އަންނާނެއެވެ.

ފިންލޭންޑުގެ ރެސްކިއު ޓީމާއި އިޓަލީގެ މީޑިއާތަކުން ލިބޭ މައުލޫމާތަށް ބަލާއިރު، އެންމެ ބޮޑަށް ބެލެވެނީ އެމީހުން ހޮހަޅައަށް ވަނީ ގަސްތުގައި ކަމަށާއި، ނުކުންނަން އުޅުމުގެ ތެރޭގައި ކޮޅުބެދިފައިވާ މަގަކަށް ވަދެވި ތާށިވީ ކަމަށެވެ. ފިންލޭންޑުގެ ރެސްކިއު ޓީމުގެ މެންބަރު ސާމީ ޕާކަރިނެން ބުނި ގޮތުގައި އެމީހުންނަށް އޮޅިގެން ހޮހަޅައަށް ވަދެވުމަކީ ވުން ދުރު ކަމެކެވެ. ރާއްޖޭގައި 100 މީޓަރު އަޑިއަށް ދަންދެން އިރުގެ އަލިކަން ހުންނާތީ، 60 މީޓަރު އަޑީގައިވެސް އަލި ހުންނާނެ ކަމަށާއި، ހޮހަޅައަކަށް ވަދެވުމުން އަނދިރިވާނެތީ އެއީ އޮޅިގެން ވެދާނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާއާ ގުޅޭގޮތުން ދެކެވުނު އަނެއް ވާހައަކީ "ވެންޗޫރީ އިފެކްޓް" އެއްގެ ސަބަބުން އުފެދުނު އޮއިވަރެއްގައި ޖެހި އެމީހުން ހޮހަޅައިގެ ތެރެއަށް ދަމައިގަތީ ކަމަށެވެ. މި ތިއަރީ އިޓަލީގެ މެޑިސިން ސޮސައިޓީގެ ރައީސް އަލްފޮންސޯ ބޮލޮގްނީނީ ހުށަހެޅުއްވި ނަމަވެސް، ޕާކަރިނެން އެކަމާ ދެކޮޅު ހަދައެވެ. އޭނާ ބުނި ގޮތުގައި އެ ސަރަހައްދުގެ އޮއިވަރަކީ ވަރަށް ބޮޑަށް ލަފާކުރެވޭ އެއްޗެކެވެ. އަދި ހޮހަޅައިގެ ތެރޭގައި އޮއިވަރު ހުރީ ވަރަށް މަޑުން ކަމަށާއި، މީހަކު ދަމައިގަންނަހާ ބާރު އޮއިވަރެއް އެތަނުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮހަޅައިގެ ބައްޓަމާއި ހަށިތައް ފެނުނު ތަނަށް ބަލާއިރު، ބެލެވެނީ އެމީހުން ހޮހަޅައިގެ ދެވަނަ ބަޔަށް ވަނީ އަމިއްލައަށް ކަމަށެވެ. މި ހޮހަޅައަށް 30 އަށްވުރެ ގިނަ ފަހަރު ފީނާފައިވާ ރާއްޖޭގެ ޓެކްނިކަލް ޑައިވަރު ޝަފްރާޒް ނައީމް ބުނި ގޮތުގައި، 47 މީޓަރު އަޑީގައި ހުންނަ މި ހޮހަޅައިގެ ފުރަތަމަ ބަޔަކީ ވަރަށް ޖާގަ ބޮޑު ތަނެކެވެ. ފުރަތަމަ ބަޔާއި ދެވަނަ ބައި ގުޅުވައިދެނީ 30 މީޓަރުގެ ދިގު "އެސް" ބައްޓަމުގެ ހަނި މަގަކުންނެވެ.

"ޑޭން ޔޫރަޕް" ގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވި ގޮތުގައި، އެ މަގުން ނުކުންނަ ތަނުގައި އޮންނަ ވެލިގަނޑެއްގެ ސަބަބުން، ނުކުންނަން އޮންނަ މަގު އޮޅޭ ގޮތްވެއެވެ. މިގޮތުން ނުކުންނަ މަގުގެ ވާތްފަރާތަށް އޮންނަ އަނެއް މަގަކީ ކޮޅުބެދިފައިވާ ތަނެކެވެ. މޮނިކާ މޮންޓެފަލްކޯން އާއި، ޖިއޯޖިއާ ސޮމަކަލް އާއި، މުރިއަލް އޮޑެނީނޯ އަދި ފެޑެރިކޯ ގުއަލްޓިއޭރީގެ ހަށިތައް ފެނުނީ އެތަނުންނެވެ. ބެލެވޭ ގޮތުގައި ވެލިގަނޑުގެ ސަބަބުން ނުކުންނަ މަގު އޮޅި، އެމީހުންނަށް ވަދެވުނީ ކޮޅުބެދިފައިވާ މަގަށެވެ. ލައުރާ މަރޯނީ ވިދާޅުވި ގޮތުގައި، އެމީހުންގެ ހަށިތައް ފެނުނީ އެއްތަނަކުންނެވެ. އެއީ ނުކުންނަ މަގު ކަމަށް ހީކޮށް އެމީހުން އެތަނަށް ވަނީ ކަމަށް ބެލެވޭ ކަމަށާއި، ނަމަވެސް އެތަނުން ނުކުމެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހާދިސާ ހިނގި ދުވަހު ފެނުނު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު ފެނުނީ ހޮހަޅައިގެ ފުރަތަމަ ބައިގެ ތެރެއިން، ދެވަނަ ބަޔަށް ވަންނަ މަގުގެ ކުރިމަތިންނެވެ. އޭނާ އެތަނުގައި މަޑުކޮށްގެން ހުރީ އަނެއް މީހުން އަންނަންދެންތޯ ނުވަތަ އޭނާއަށް ނުކުންނަ މަގު ފެނިފައި އޮކްސިޖަން ހުސްވީ ކަމެއް އަދި ސާފެއް ނުވެއެވެ.

ގޭހާއި އާލާތްތަކާ މެދު ސުވާލުތައް

މި ހާދިސާގައި އެމީހުން ބޭނުންކުރި ގޭހާއި އާލާތްތަކާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. "ލާ ރިޕަބްލިކާ" ނޫހުން ބުނާ ގޮތުގައި އެމީހުން ބޭނުންކުރީ އާދައިގެ 12 ލީޓަރުގެ ޓޭންކެވެ. އާދައިގެ ވައި ބޭނުންކޮށްގެން 50-60 މީޓަރު އަޑިއަށް ފީނިދާނެ ނަމަވެސް، އޭގެ ސަބަބުން "ނައިޓްރޯޖަން ނާކޯސިސް" ނުވަތަ ގޭހުގެ ސަބަބުން މަސްތުވާ ފަދަ އަސަރެއް ކުރުމުގެ ފުރުސަތު ބޮޑެވެ. އާންމުކޮށް 40 މީޓަރަށްވުރެ އަޑިއަށް ފީނާއިރު، މިފަދަ އަސަރުތައް ކުޑަކުރުމަށްޓަކައި ހީލިއަމް ހިމެނޭ "ޓްރައިމިކްސް" ގޭސް ބޭނުންކުރަން ޖެހެއެވެ.

އެކަށީގެންވާ ގޭސް ބޭނުންކުރި ނަމަވެސް، 12 ލީޓަރުގެ އެންމެ ޓޭންކެއް ބޭނުންކޮށްގެން އެހާ އަޑީގައި ހޭދަކުރެވޭނީ ގާތްގަނޑަކަށް 10 މިނެޓެވެ. އަދި ބިރުގަނެ ހާސްވާނަމަ، މިއަށްވުރެ އަވަހަށް ވައި ހުސްވާނެ ކަމަށް ލައުރާ މަރޯނީ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ހޮހަޅައަށް ވަންނައިރު ބޭނުންކުރަންޖެހޭ "ގައިޑްލައިން" ނުވަތަ ނުކުންނަ މަގު ދައްކައިދޭ އާލާތްވެސް އެމީހުން ބޭނުންކޮށްފައި ނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މަރުވި މީހުންގެ ހަށިތައް އިޓަލީއަށް ގެންދިއުމާއެކު އޮޓޯޕްސީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑައިވް ކޮމްޕިއުޓަރުތަކާއި ގޯޕްރޯ ކެމެރާތަކުން ލިބޭ މައުލޫމާތުން، މި ހިތާމަވެރި ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަަސްވީރެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު