އީރާނުން ބަހުރައިނާއި ކުވައިތަށް ރައްދު ހަމަލާތަކެއް ދީފި
ދުނިޔެ

އީރާނުން ބަހުރައިނާއި ކުވައިތަށް ރައްދު ހަމަލާތަކެއް ދީފި

ނނާޒިމް
June 6, 2026

އެމެރިކާއިން އީރާނަށް ވައިގެ މަގުން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނިތާ މާގިނައިރުތަކެއް ނުވެ، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާނުން އަނެއްކާވެސް ބަހުރައިނާއި ކުވެއިތަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާކަން ވަނީ ހާމަވެފަ އެވެ. މި ހަމަލާތަކަކީ މިދިޔަ ބުދަ ދުވަހަށްފަހު މި ދެ ގައުމަށް އަމާޒުކޮށް އީރާނުން ދިން ދެވަނަ ހަމަލާ ކަމަށްވެ އެވެ.

އެމެރިކާގެ ފިފްތު ފްލީޓްގެ މައި މަރުކަޒު ހުންނަ ކުޑަ ގައުމެއް ކަމަށްވާ ބަހުރައިނާއި އަވަށްޓެރި ކުވައިތަށް ދިން މި ހަމަލާތައް އެ ގައުމުތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. މި ހަމަލާތަކުގެ ސަބަބުން މި ދެ ގައުމުގައި ހަމަނުޖެހުން ބޮޑުވެ، ހައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ހަމަލާތަކުގެ ތަފްސީލު

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން މި ހަމަލާތަކާ ގުޅިގެން ބަހުރައިންގެ ވެރިރަށް މަނާމާގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި ތިން ގޮވުމެއްގެ އަޑު ވަނީ އިވިފަ އެވެ. އަދި މުޅި ގައުމުގައި ވައިގެ ހަމަލާތަކުން ރައްކާތެރިވުމަށް އަންގައި ސައިރަން އަޅަން ފެށި އެވެ. ބަހުރައިންގެ އަސްކަރިއްޔާއިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިން މިސައިލަކާއި ބައެއް ޑްރޯންތައް ހުއްޓުވާފައިވާ ކަމަށެވެ. މުޅި ގައުމު ހާސްކަމެއްގެ ތެރެއަށް ވެއްޓުނު ނަމަވެސް، ބަހުރައިނަށް އެއްވެސް ބޮޑު ގެއްލުމެއް ލިބުނު ކަމަކަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ކުވެއިތުގައި ހުންނަ އޭއެފްޕީގެ ނޫސްވެރިޔާ ރިޕޯޓްކުރި ގޮތުގައި އެ ގައުމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކައިރިން ތަކުރާރުކޮށް ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފަ އެވެ. ކުވެއިތުގެ އަސްކަރިއްޔާއިން ބުނީ، ހޮނިހިރު ދުވަހުގެ ހެނދުނު ކުވެއިތުގެ ވައިގެ ސަރަހައްދަށް ވަތް ހަތް ބެލިސްޓިކް މިސައިލަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ މަތިން މިސައިލްތައް ވައްޓާލުމުގެ ސަބަބުން، އޭގެ ބައިތައް ވެއްޓި "މާއްދީ ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ" ކަމަށް ވެސް އަސްކަރިއްޔާއިން އިތުރަށް ބުންޏެވެ.

ބަހުރައިނާއި ކުވެއިތުގެ ރައްދު

ބަހުރައިނުން ވަނީ އެ ގައުމަށާއި އަވަށްޓެރި ކުވައިތަށް ދިން މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެ ގައުމުން މި ހަމަލާތައް ސިފަކުރީ " އުދުވާނެއް" ގެ ގޮތުގަ އެވެ. މިއީ ދެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށް ބަހުރައިނުން ބުންޏެވެ. މިހާރަކަށް އައިސް އީރާނުން ދެ ގައުމަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށް ބަހުރައިނުން ފާހަގަކުރި އެވެ.

ކުވެއިތުން ވެސް ވަނީ މި ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އެ ގައުމުން ބުނި ގޮތުގައި މިއީ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުންގެ ފުރާނައަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. ނަމަވެސް އެމެރިކާއިން ވަނީ އެކި ފަހަރު މަތިން މި ދެ ގައުމުގައި ހުންނަ އަސްކަރީ ބޭސްތައް ބޭނުންކޮށް އީރާނަށް ހަމަލަ ދީފައެވެ. ނަމަވެސް އެ ދެ ގައުމުން އެކަން ކުށްވެރި ކޮށްފަ ނުވުމަކީ ގިނަ ފަރާތްތަކުން ދެކޭގޮތުގައި އެއްފަރާތަށް ބުރަވުމެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު