ހަނގުރާމައިގެ ތެރޭ އެމެރިކާގެ އެންމެ ބޮޑު މަނަވަރަށް ބޮޑެތި ގެއްލުން ލިބުނު
ދުނިޔެ

ހަނގުރާމައިގެ ތެރޭ އެމެރިކާގެ އެންމެ ބޮޑު މަނަވަރަށް ބޮޑެތި ގެއްލުން ލިބުނު

ނނާޒިމް
June 5, 2026

އެމެރިކާގެ 13 ބިލިއަން ޑޮލަރުގެ މަތިންދާބޯޓު އުފުލާ މަނަވަރު އީރާނުގެ ހަނގުރާމައިގެ ތެރޭގައި އޮޕަރޭޓް ކުރަމުން ދަނިކޮށް، އަލިފާން ރޯވެ ހިނގި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ހާމަވެއްޖެއެވެ.

ސީއެންއެން އަށް ލިބިފައިވާ އާ ފުޓޭޖުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑްގައި ރޯވި އަލިފާނުގެ ހާދިސާގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފާޅުގައި އެއްބަސްވި މިންވަރަށް ވުރެ މާ ބޮޑު ގެއްލުމެއް ލިބިފައިވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި މިދިޔަ މާރޗް މަހުގައެވެ.

ސީއެންއެން އިން އާއްމުކޮށްފަައިވާ އެ ވީޑިއޯއިން ފެންނަނީ އޭގައި ތިބޭ ސިފައިން ނިދަން ބޭނުންވާ ބަންކްތައް އަނދައިގެން ގޮސްފައިވާ ދަގަނޑުތަކަށް ބަދަލުވެފައިވާ މަންޒަރެވެ. އަދި އެ ދިމާލުގެ ސީލިންގަނޑު އަލިފާންގަނޑުގެ ސަބަބުން އަނދައި ހުލިވެފައިވާ މަންޒަރު ފެނެއެވެ. އަދި ކަރަންޓު ވަޔަރުތައް ދިމާލަށް ފެންނަން ހުރިއިރު، އަޅިތައް ބިންމަތީގައި ހުރި މަންޒަރުވެސް ފެނިގެން ދެއެވެ.

"އަހަރެން ހީކުރީ ބޯޓު އެއްވެސް ވަރަކަށް ސަލާމަތް ނުކުރެވޭނެ ކަމަށް،". އެ މަަނަވަރުގައި އެވަގުތު ހަރަކާތްތެރިވަމުންދިޔަ ސިފައިންގެ އޮފިސަރު ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"އެއީ ހަނގުރާމަ ކުރުން ނުވަތަ މަރުވުން."

ސީއެންއެން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަލިފާންގަނޑު ނިއްވާލުމަށާއި ގެއްލުންތައް ސާފުކޮށް، އަލިފާންގަނޑު ކޮންޓްރޯލްކޮށް އިތުރަށް ރޯވިޔަ ނުދިނުމަށްޓަކައި ކްރޫން ގާތްގަނޑަކަށް 30 ގަޑިއިރު ވަންދެން މަސައްކަތް ކުރިއެވެ.

މި ހާދިސާގެ ސަބަބުން 600 އެއްހާ ސިފައިންނަށް ނިދުމަށް ބަންކްތައް ލިބިފައި ނުވާ ކަަމަށްވެސް ވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ. އީރާނުން ވަނީ އެ މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ހަމަލާ ދީފައިވާ ކަމަށް އެއިރު ބުނެފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު