
ޓްރަމްޕްގެ ޝައްކުތަކާއެކުވެސް ނަތަންޔާހޫ އަލުން އިންތިޚާބުގައި ވާދަކުރަން ނިންމައިފި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި ވާދަކުރައްވާނެކަން އޭނާގެ ލިކޫޑް ޕާޓީން އިޢުލާންކޮށްފި އެވެ.
މިކަން އިޢުލާންކޮށްފައިވަނީ ނަތަންޔާހޫ އަލުން އިންތިޚާބުގައި ވާދަކުރައްވާނެކަމާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުވާލު އުފައްދަވާފައި ވަނިކޮށެވެ.
ލިކޫޑް ޕާޓީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ނަތަންޔާހޫ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ އޭނާ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
އިސްރާއީލުގެ އާންމު އިންތިޚާބު ރަސްމީކޮށް އަދި އިޢުލާން ނުކުރި ނަމަވެސް، އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް އިންތިޚާބު ބާއްވަން ޖެހެ އެވެ.
އޭބީސީ ނިއުސްގެ ކޮރެސްޕޮންޑެންޓް ޖޮނަތަން ކާލްއާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ނަތަންޔާހޫ އަލުން ކުރިމަތިލައްވާނެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. "އަހަންނަކަށް ނޭނގޭ، އޭނާގެ ކެރިއަރު ވަރަށް ފުރިހަމަ. އޭނާ އިތުރަށް ކުރިއަށްދާން ބޭނުންވޭބާ؟" ޓްރަމްޕް ވިދާޅުވި ކަމަށް ކާލް ރިޕޯޓްކޮށްފައިވެ އެވެ.
މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަށްފަހު އިސްރާއީލުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ. ނަތަންޔާހޫގެ ސަރުކާރަށް މިހާރުވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، އިސްރާއީލް ޑިމޮކްރަސީ އިންސްޓިޓިއުޓުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އިސްރާއީލުގެ 61 އިންސައްތަ ރައްޔިތުން ގަބޫލުކުރަނީ އޭނާ އިންތިޚާބުގައި ވާދަކޮށްގެން ނުވާނެ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު އަދިވެސް ގާތް ގުޅުމެއް އެބައޮތެވެ. ނަމަވެސް ފަހަކަށް އައިސް ލުބުނާނުގައި ހިންގާ އަސްކަރީ ހަރަކާތްތައް މަދުކުރުމަށް ޓްރަމްޕް އެދިވަޑައިގަތުމާ ގުޅިގެން ދެ ބޭފުޅުންގެ ގުޅުމަށް ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އައިސްފަ އެވެ. މީގެ އިތުރުން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާތަކުން އޭނާއަށް މާފު ދިނުމަށްވެސް ޓްރަމްޕް ވަނީ ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.



