ޣައްޒާގައި ހިންގާ ގަތުލުއާންމަށް ޑެންމާކުގެ މާސްކުން އެހީތެރިވިކަން ފަޅާ އަރައިފި
ދުނިޔެ

ޣައްޒާގައި ހިންގާ ގަތުލުއާންމަށް ޑެންމާކުގެ މާސްކުން އެހީތެރިވިކަން ފަޅާ އަރައިފި

ނނާޒިމް
June 9, 2026

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން އައި ލާއިންސާނީ އަނިޔާތަކާއި ގަތުލުއާންމަށް ޑެންމާކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ ފަލަސްތީނިއަން ޔޫތް މޫވްމެންޓް (ޕީވައިއެމް) އާއި އޮކްސްފަމް ޑެންމާކުން އިއްޔެ އާންމު ކުރި ރިޕޯޓަކުންނެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އިސްރާއީލުން ހިންގާ ގަތުލުއާންމަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޑެންމާކުގެ ބޮޑު ޝިޕިން ކުންފުންޏެއް ކަމަށްވާ "މާސްކް" އިން ކަމަށެވެ.

މި ރިޕޯޓުތަކުން ދައްކާ ގޮތުގައި މާސްކުން ވަނީ ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަމުން އަންނަ ހަމަލާތަކަށް ބޭނުންވާ އެކި ކަހަލަ ހަތިޔާރާއި ސާމާނު އިސްރާއީލަށް އެތެރެކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ވަޒަން، ބޮން އަދި މޯޓަރުތަކަށް ބޭނުންވާ ސާމާނު މާސްކުގެ ޝިޕިން ކޮންޓެއިނަރުތަކުގައި އިސްރާއީލަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޕީވައިއެމްގެ ނަދްޔާ ތަނޫސް ވިދާޅުވީ، މި ހަގީގަތް ފަޅާ އަރާފައިވަނީ މާސްކް ކުންފުނީގެ އިދާރީ އޮނިގަނޑުތައް ހަރުދަނާކޮށް ހަނގުރާމަ ހިންގަމުންދާ ސަރަހައްދުތަކަށް ނުވަތަ ގައުމުތަކަށް ހަތިޔާރު ނުވިއްކަން ނިންމާފައިވަނިކޮށެވެ. އޭނާ އިތުރަށް ވިދާޅުވީ ރަސްމީކޮށް އިސްރާއީލަށް ހަތިޔާރު ވިއްކުމާއި ވެސް އެ ކުންފުނީގެ އިދާރީ ގަވައިދު ތަނެއް ނުދޭ ކަމަށެވެ. މާސްކުން ވިއްކި މިފަދަ ތަކެއްޗަކީ އާދައިގެ ތަކެތި ނޫން ކަމަށާއި، އެއީ އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާންމަށް ސީދާ ބޭނުންވާ ތަކެތި ކަމަށް ވެސް ނަދްޔާ ތަނޫސް ވަނީ ފާހަގަކުރައްވާފައެވެ.

ރިޕޯޓުން ފަޅާ އަރާފައިވާ މުހިންމު މައުލޫމާތުތައް:

ވަޒަނާއި ވަޒަނުގެ ބައިތައް

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖުލައި މަހާއި ހަމައަށް މާސްކްއިން ވަނީ 1.42 މިލިއަން ކިލޯގެ ބުލެޓް ކޯއާއި ބްރާސް ކޭސްތަށި އިސްރާއީލަށް ފޮނުވާފައެވެ. މިތަކެއްޗަކީ އިސްރާއީލުން އުފައްދާ 5.56 އެމްއެމް އަދި 7.62 އެމްއެމް ބަޑިއަށް ބޭނުންވާ ތަކެއްޗެވެ.

ބޮމާއި ބޮމުގެ ސާމާނު

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2024 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް މާސްކްއިން ވަނީ 1.1 މިލިއަން ކިލޯއަށްވާ 1،996 ބޮމުގެ ތަކެތި އިސްރާއީލަށް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި އެމްކޭ-84 ބޮޑީއާއި އެމްޕީއާރް ސީރީސްގެ ބޮޑީ އަދި އެލުމިނިއަމް ފައުޑާ ހިމެނެއެވެ. އެމްކޭ-80 އާއި އެމްޕީއާރް ސީރީސްތަކަކީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގައި އެންމެ ގިނައިން ބޭނުންކުރި ބޮންތަކެވެ.

މޯޓަރުގެ ބައިތައް

2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 2024 ވަނަ އަހަރުގެ ޖުލައި މަހާއި ދެމެދު މާސްކްއިން ވަނީ 40،000 ކިލޯގެ 120 އެމްއެމް މޯޓާގެ ބައިތައް އިސްރާއީލަށް ފޮނުވާފައެވެ. މިތަކެތި ބޭނުންކުރަނީ ޣައްޒާގައި ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކަށް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުތަކުން ދޭހަވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ ކުންފުނިތަކުގެ ދައުރު ބޮޑުވެފައިވާ ކަމެވެ. މިކަމުގެ ސަބަބުން މާސްކާއި ޑެންމާކުގެ ސަރުކާރަށް ބައިނަލްއަގުވާމީ ފާޑުކިޔުންތައް އަމާޒުވެ، މިފަދަ ހަނގުރާމަތަކަށް އެއްބާރުލުން ދިނުމުގެ ސިޔާސީ އަދި އަޚްލާގީ ދަތިކަން އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު